މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ދިވެހިރާއްޖޭގެ އަމިއްލަ ބްރޭންޑް ”ފްރޮމް މޯލްޑިވްސް“ ތައާރަފްކޮށްފިއެވެ.
މިއަދު އިނގިރޭސި ވިލާތުގައި ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރަސްމީކޮށް މި ބްރޭންޑް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
”ފްރޮމް މޯލްޑިވްސް“ ގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ގުޅުވާލުމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ފައިދާ މުޖުތަމައަށް ކުރާނެކަން ކަށަވަރުކުރުމެވެ. މި ބްރޭންޑްގެ ލޯގޯގައި ހިމެނެނީ ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ޑިޒައިނެކެވެ.
މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްކަމެވެ. މީގެއިތުރުން، ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަންވެސް މި ބްރޭންޑުން ފާހަގަކޮށްދެއެވެ.
މި ބްރޭންޑް ތަޢާރަފުކުރުމަކީ ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު މަސައްކަތެކެވެ.
މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދާ ކުރިއެރުމެކެވެ.
ފްރޮމް މޯލްޑިވްސް މި ބްރޭންޑަކީ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ.




