ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަސް ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފެށުމުގެ ގޮތުން ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.
އެދުވަހުގެ ހަވީރު 4:15 ގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ޕެރޭޑްގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރު އަދި ސަގާފީ އައިޓަމްތައް ކުރިއަށްދާނެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ހެނދުނު 8:30 ގައި ޒުވާނުންގެ މަރުކަޒުގައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް އެރުވުމަށް ވަނީ ނިންމަވާފައެވެ.
މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުބުރު މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ. އަދި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ހަރަކާތް ޖުލައި 28 ވަނަ ދުވަހުގެ ރޭ 8:30 ގައި ކުރިއަށްދާނެއެވެ.
މި ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން، ޖުލައި 10 އިން 25 އަށް ޖުމްހޫރީ މައިދާން ވަނީ ޢާންމުންނަށް ބަންދުކޮށްފައެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖުލައި 26 އަކީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހެވެ.



