ބޮލީވުޑްގެ ރަސްގެފާނުކަމުގެ ލަގަބު ދީފައިވާ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންއަށް ޝޫޓިންގް ތެރޭގައި އަނިޔާވެ، ފަރުވާ ކުރަން ފަށައިފިއެވެ.
ޝާހްރުކް އަށް އަނިޔާވެފައިވަނީ އޭނާ މިހާރު ކުޅެމުންދާ ފިލްމު ”ކިންގް“ ގެ ޝޫޓިންގް ތެރޭގައެވެ.
ބުރަކައްޓަށް ލިބުނު އަނިޔާއާ ގުޅިގެން ޝާހްރުކް ވަނީ ފަރުވާ ދިނުމަށް ފުރަތަމަ އެމެރިކާއަށް ގެންގޮސްފައެވެ.
ނަމަވެސް އިންޑިއާގެ ރިޕޯޓުތަކުން ބުނާގޮތުގައި އެމެރިކާގައި ފަރުވާ ދިނުމަށްފަހު، ޝާހްރުކް ވަނީ އިނގިރޭސިވިލާތަށް އަރާމުކުރަން ފޮނުވާލާފައެވެ. އަދި މިވަގުތު އޭނާ ހުރީ އެ ޤައުމުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ޝާހްރުކް ޚާނާއެކު މިވަގުތު އިނގިރޭސިވިލާތުގައި ތިބީ އޭނާގެ އާއިލާއެވެ. އޭނާއަށް ލިބިފައިވަނީ ކުޑަ އަނިޔާއެއް ކަމަށާއި ވަރަށް އަވަހަށް ރަނގަޅުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ނަމަވެސް މި ހާދިސާއަށްފަހު ”ކިންގް“ ގެ ޝޫޓިންގް ވަނީ ހުއްޓިފައެވެ. އަދި ދެން ޝޫޓިންގް ކުރިއަށްދާނީ ސެޕްޓެމްބަރު މަހު ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ. މިއާއެކު ޝްރީ ލަންކާއަށް ޝާހްރުކް ޚާން ކުރަން ނިންމި ދަތުރުވެސް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.



