ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުން އަންނަ ހޯމަ ދުވަހު ފަށާ ގޮތަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައިފިއެވެ.
އެފްޑީސީން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެން، ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ކަމަށެވެ.
”މި ސަރަހައްދުތައް ކަނޑައެޅުމަށް ފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ“ އެފްޑީސީން ބުނެފައިވެއެވެ.
އެ ކޯޕަރޭޝަނުން ބުނިގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރާނީ އެ ކަމަށްކަނޑައަޅާ ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ.
އެފްޑީސީން ނިންމާފައި ވަނީ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެން އެއްބަސްވުންތަކުގައި ސޮއިކުރާށެވެ.
އެފްޑީސީން ބުނީ އެގްރިމެންޓުގައި ސޮއިކުރާނެ ދުވަހާއި ގަޑި އެނގޭނީ ”ގެދޮރުވެރިން ޕޯޓަލް“ މެދުވެރިކޮށް ކަމަށެވެ.




