އެއްގަމު އުޅަނދުފަހަރު ނުރައްކާތެރިކޮށް އަދި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވުމަކީ ޖިނާއީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މި ބިލު ހުށަހެޅީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީރެވެ.
އެ ބިލުގައި މެންބަރު މީކާއިލް ހުށަހަޅުއްވާފައިވަނީ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާއަށް އިސްލާހު ގެނެސް، ފަރުވާލެއް ނެތި ކުރާ ކަމަކުން ބިރުވެރިކަން އުފެދޭފަދަ ކަންކަމުގެ ތެރޭގައި، އިންޖީނުލީ އެއްގަމު އުޅަނދުތައް ނުރައްކާތެރިކޮށް ދުއްވުން ހިމެނުމަށެވެ.
މިފަދަ ބިލެއް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ހިމަނާފައިވަނީ ފަރުވާލެއް ނެތި ބިރުވެރިކަން އުފެދޭ ގޮތަށް ކުރާ ކުށްތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވުން ހިމަނާފައި ނެތުމުގެ ސަބަބުން، މަގުމަތީގެ އެކްސިޑެންޓްތަކުގައި ގާނޫނީ ފިޔަވަޅު އެޅުމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުން ކަމަށެވެ.
މިހާރު ޤާނޫނު އޮންނަ ގޮތުންނަމަ، އެކްސިޑެންޓްތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން ދައުވާ ކުރެވެނީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކު މަރުވުން ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބުމުންނެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ނުލިބޭ ހާލަތްތަކުގައި ފިޔަވަޅު އެޅުނަސް އެ ގާނޫނުގެ ދަށުން ދެވޭ އަދަބަކީ ޖޫރިމަނާ ކުރުން ނުވަތަ ވަކި މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމެވެ.




