މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
މި ކުއްޖާއަކީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައި އިން ކުއްޖެކެވެ. އޭނާއަށް ފަރުވާ ދިނީ އައިޖީއެމްއެޗްގެ ވޯޑުގައެވެ.
މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެ، އެކަކު ނިޔާވެފައިވާއިރު، އެކެސިޑެންޓު ހިނގަން މެދުވެރިވީ ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހިއެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދެމުން ބުނިގޮތުގައި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާގެ ހާލަތު ވަރަށް ސީރިއަސްއެވެ. އޭނާގެ މޫނުގެ ކަށިތައް ފްރެކްޗާވެ، ސިކުނޑިއަށް ލޭ އެޅިފައިވާއިރު، އޭނާ މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. ނަމަވެސް، އަދިވެސް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ.
މި ހާދިސާގައި ނިޔާވީ، ސައިކަލު ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދުއެވެ.
އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ.



