މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
މިކަމާއި ގުޅިގެން އެމްއޭސީއެލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށާއި، ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށް ގަސްތުގައި ފަތުރަމުންދާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
އަދި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނައުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި ކޮށްފައި ނުވާ ކަމަށާއި، އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ކުންފުނިން ނުގެންގުޅޭ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
”މި ކުންފުނިން އަރުވަން ބޭނުންވާ ޔަގީންކަމަކީ ކުރިއަށް އޮތްތަނުގައި ވެސް މި ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދެމުންއައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، މި ކުންފުނިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެ ކަމެވެ.“ އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއޭސީއެލުން އިތުރަށް ބުނީ، އެ ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމުގައި ވާހިނދު، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުއައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށެވެ.
އެމްއޭސީއެލްއިން ވަނީ މިފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކަށް އިލްތިމާސްކޮށް، އެފަދަ ވާހަކަތައް ފެތުރުން ހުއްޓާލުމަށާއި، ޒިންމާދާރުކަމާއެކު ކަމުގެ އަސްލާ އެއްގޮތަށް ވާހަކަތައް ބައްޓަންކުރުމަށް ގޮވާލާފައެވެ.
އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ކަންކަމުގެ ހަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މައުލޫމާތާއި އެކުގައި ކަމަށްވެސް އެމްއޭސީއެލުން ބުނެފައިވެއެވެ.



