ބާ ކައުންސިލްގެ މެންބަރުން ހިމެނޭ ނުރަސްމީ ޓެލެގްރާމް ގްރޫޕަކަށް ޤާނޫނީ ވަކީލު އަލްއުސްތާޛް ޝިހާދު އިބްރާހިމް ފޮނުއްވި ބޭރު ޤައުމެއްގެ ވީޑިއޯއެއް ހިއްސާކުރުމުން، އޭނާގެ ”މައްސަލަ ބަލާނެ“ ކަމަަށް ބުނެ ”ބިރު ދެއްކި“ މައްސަލައެއް ބަލައި، ފިޔަވަޅު އަޅައިދިނުމަށް ޝިހާދު އެދިއްޖެއެވެ.
މަޝްހޫރު އެސްޖޭ ގްރޫޕްގެ ވެރިޔާ ޝިހާދު، ބާ ކައުންސިލުގެ ރައީސް ހުސެއިން ސިރާޖަށް އެޑްރެސް ކުރައްވާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ”ވަކީލުންގެ މާލަން“ ނަމަކަށް ކިޔައި ޓެލެގްރާމް ގްރޫޕެއްގައި އިއްޔެ އޭނާ ވީޑިއޯއެއް ހިއްސާ ކުރުމުން، އެ ގްރޫޕުގެ މެންބަރަކު އެ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސް އިބްރާހިމް ޝަމީލް ޓެގްކޮށް، ޝިހާދު ކުރި މެސެޖަކީ ފިޔަވަޅު އެޅޭފަދަ މެސެޖެއް ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަން ބައްލަވާނެ ކަމުގައި ނައިބު ރައީސް ޝަމީލް ޖަވާބު ދެއްވާފައިވާ ކަމަށް ވެސް ޝިހާދު ވިދާޅުވެފައިވެއެވެ.
ޝިހާދު ވިދާޅުވީ، ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ޤަވާއިދަށް ބަލާއިރު އެ ޤަވާއިދުގެ 2ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ބާކައުންސިލުން އެއްވެސް މައްސަލައެއް ބެލޭނީ ޤަވާއިދުގެ 2ވަނަ މާއްދާގެ (ހ) ބަޔާންކުރާ ގޮތުން އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅައިފިނަމަ ނުވަތަ އެ ޤަވާއިދުގެ (ށ) ގައި ބަޔާންކުރާ ގޮތަށް ބާ ކައުންސިލުގެ އިސްނެގުމުގެ މަތިން ކަމަށެވެ. އަދި އެ ޤަވާއިދުގެ 6ވަނަ މާއްދަަގައި ޝަކުވާ ދަފްތަރު ކުރުމާގުޅޭ އުސޫލުތައް އަދި ޤަވާއިދު 7ވަނަ މާއްދާގައި ޝަކުވާ ބެލުމަށް ނިންމުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާކަން ވެސް ޝިހާދުގެ ސިޓީގައި ހަނދުމަކޮށްދެއްވާފައިވެއެވެ.
އެސްޖޭ ޝިހާދު ވިދާޅުވީ ”ވަކީލުންގެ މާލަން“ ހިމެނޭ މެންބަރަކު އޭނާގެ މައްޗަށް ޝަކުވާއެއް ހުށަހެޅިކަމަށް ބެލިނަމަވެސް، އެ މެންބަރު މެސެޖު ކޮށްފައިވަނީ އިއްޔެ 19:47 ގައި ކަމަށާއި އެކަން ބައްލަވާނެކަމަށް ވިދާޅުވެ ޝަމީލް ޖަވާބު ދީފައިވަނީ އިއްޔެ 19:55 ގައި ކަމަށެވެ. އެހެންކަމުން އެދެމެދުގައި ހިމެނޭ 8 އެއްކަ މިނެޓުގައި ބާ ކައުންސިލުގެ ސެކްރެޓޭރިއެޓް އިން ޤަވާއިދުގައި ބަޔާންކޮށްގައިވާ ގޮތުގެ މަތިން މައްސަލަ ދަފްތަރުކޮށް، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކުން މައްސަލަ ބަލަން ނިންމުމަކީ ބުއްދީގެ ހަމަތަކުން ބެލިޔަސް ކުރެވޭނެކަމެއް ނޫން ކަމުގައި ޝިހާދު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޝިހާދު ވިދާޅުވީ އަމިއްލަ އިސްނެގުމުގެ މަތިން ސުލޫކީ މައްސަލަ ބެލުމާބެހޭ އުސޫލަށް ބަލާއިރު، އެ އުސޫލުގެ 5ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ބާ ކައުންސިލުގެ އިސްނެގުމަށް މައްސަލައެއް ބެލޭނީ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ނުވަތަ ބާ ކައުންސިލުގެ މެންބަރެއްގެ ސަމާލުކަމަށް އެކަމެއް އައުމުން، ޖެނެރަލް ކައުންސިލު ނުވަތަ ޖެނެރަލް ކައުންސިލުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތެއްގެ ސަމާލުކަމަށް އެކަމެއް ގެނެސްގެން ކަމަށެވެ.
މިފަދައިން ބާ ކައުންސިލުގެ އިސްނެގުމަށްވެސް މައްސަލައެއް ބެލޭނީ އެ މައްސަލައެއް ބެލުމަށް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކުން ނިންމެވުމުން ކަމަށް ވެސް ޝިހާދު ވިދާޅުވެފައިވެއެވެ.
އެހެންކަމުން ޝިހާދު ވަނީ މިކަމާ ގުޅޭގޮތުން ބާ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޝަމީލް ގަވާއިދާ ހިލާފަށް އަމަލުކުރެއްވިކަމަށް ތުހުމަތުކުރައްވާފައެވެ.
ޝިހާދު ވިދާޅުވާ ގޮތުގައި އޭނާ އެ ގްރޫޕަށް ފޮނުއްވި މެސެޖަކީ ބޭރު ގައުމެއްގައި ކުޅެފައިވާ ”ލީގަލް ޑްރާމާ“އެއްގެ ވީޑިއޯ ކޮޅެކެވެ.
އެ ވީޑިއޯއާއި ގުޅޭގޮތުން ޝިހާދު ލިޔުއްވި މެސެޖުގައި ”ހާފިޒު“ ކިޔާ ވަކީލަކަށް ނުވަތަ އެހެންވެސް ފަރާތަކަށް ފުރައްސާރަކޮށްފައި ނުވާނެ ކަމަށާއި، އެއީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ހައްގުގެ ތެރެއިން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބާ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޝަމީލް ވަނީ ބާ ކައުންސިލުގެ ނިންމުމެއް ނެތި، މުޅި ބާ ކައުންސިލުގެ ނަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ޝިހާދުއަށް ބިރު ދައްކާފައި ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި މިއީ ބާ ކައުންސިލުގެ ނައިބު ރައީސްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ”ނަޒާހަތްތެރިކަން“ ގެއްލޭނެ ކަމަށް ބަލަންޖެހޭފަދަ އަމަލެއް ކަމަށް ވެފައި، މި މައްސަލަ ބައްލަވައި ނައިބު ރައީސްގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައިދެއްވުމަށް ޝިހާދު ވަނީ އެދިވަޑައިގެންފައެވެ.
ޝިހާދުގެ ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، އެއްވެސް ކަމަކަށް ނުވާ ކަމެއްގައި ބާ ކައުންސިލުގެ ނިންމުމެއް ނެތި، މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، މުޅި ބާ ކައުންސިލު ތަމްސީލުކޮށް، ގާނޫނީ ހުރިހާ އިޖުރާއަތްތަކާ ޚިލާފަށް ބާ ކައުންސިލުން އަލްއުސްތާޒު ޝިހާދުއަށް ބިރު ދައްކާފައިވާއިރު، މިކަން ހުއްޓުވުމަށް އެޅެންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް ނާޅުއްވައިފިނަމަ، ބާ ކައުންސިލުގެ ނަމުގައި އެކިއެކި ވަކީލުންނަށް ބިރު ދައްކައި، އިއާދަ ނުކުރެވޭނެ ގެއްލުން މުޅި ޝަރުއީ ދާއިރާއަށް ލިބިދާނެ ކަމަށެވެ.



