ހުޅުމާލޭގައި ޕާކްކުރުން މަނާ ތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.
މި މަސައްކަތުގެ ދަށުން ކަފިހިހުރަސް މައްޗާއި ޑަބަލް ލައިން ކުރަހާފައި ހުންނަ ތަންތަނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރަމުންދާ ކަމަށް ހުޅުމާލެ ފުލުހުން ފޭސްބުކް މެދުވެރިކޮށް މައުލޫމާތު ދީފައިވެ އެވެ.
ހުޅުމާލެ ފުލުހުން މި މަސައްކަތް ފަށާފައިވަނީ މަގުތަކަކީ އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. މި މަސައްކަތަކީ ހަމައެކަނި ހުޅުމާލެއަށް ހާއްސަ މަސައްކަތެއް ނޫނެވެ. މާލޭގައި ވެސް ވެހިކަލް ޕާކްކުރުން މަނާ މަގުތަކުގައި ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނިގޮތުގައި މިދިޔަ މަހު އެކަނި ވެސް މާލޭގެ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުން 420 ވެހިކަލް ވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓޯކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ވަނީ ކުރިން އަންގާފަ އެވެ.
އަދި ޓޯކުރާ ވެހިކަލްތައް ދޫކުރެވޭނީ 750 ރުފިޔާގެ ޖޫރިމަނާއާއެކު، އެ ވެހިކަލަކާ ގުޅިގެން ކުރިން ކޮށްފައިވާ އެހެނިހެން ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދެއްކުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.




