އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ޝަރަފުވެރިކަމާއެކު ފަނޑިޔާރު ކަމުން މިއަދު ރިޓަޔާކުރައްވައިފިއެވެ.
އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުންނާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން މުއުތަސިމް ކުރެއްވި ހިދުމަތްތަކަށް ސުޕްރީމް ކޯޓުން ވަނީ ޝުކުރުއަދާކޮށް ޕޯސްޓެއް ވެސް ހިއްސާ ކޮށްފައެވެ.
މުއުތަސިމް ރިޓަޔަރ ކުރައްވަން ހުށަހެޅުއްވީ މެއި މަހުގެ 8ވަނަ ދުވަހުގައެވެ. އަދި މިއަދުން ފެށިގެން އެމަނިކުފާނު ރިޓަޔާކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރެއްވިއިރު، ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއަށް ހަވާލުކުރުމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ.
އަލްއުސްތާޛް އަހްމަދު މުއުތަސިމް އަދުނާން ބެޗްލަރ އޮފް ލޯސް ހާސިލުކުރައްވާފައި ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމް އިންނެވެ. އަދި، 1994 ވަނަ އަހަރު، ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯ އިން މާސްޓަރ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވެއެވެ.
މުއުތަސިމް އަދުނާން، 1994 އިން 2001 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރެއްވިއެވެ. 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މުއުތަސިމް އަދުނާން އައްޔަނު ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ 2009އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.




