ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ފެށި ހައުސިން މަޝްރޫއާ ގުޅިގެން ދިމާވި މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިޔުމުން، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ.
އަމިއްލަ ކުންފުންޏަކުން ފެށި ކޭ-ޕާކް ރެސިޑެންސް މަޝްރޫއިން ފްލެޓް ގަތުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށް ގިނަ އަދަދެއްގެ ބަޔަކު ޑައުންޕޭމަންޓް ދައްކައި އަދި ބައެއް މީހުން ފްލެޓްގެ ޖުމްލަ އަގު ދެއްކި ނަމަވެސް މަޝްރޫއުގެ މަސައްކަތް ނުނިމި އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާކަމަށް އެ ގަރާރުގައި މެންބަރު މުހައްމަދު އިބްރާހީމް ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އެ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން އެއް ފްލެޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކުމަށް އެއްބަސްވެފައިވާ ކަމަށާއި ފްލެޓް ވިއްކުމުގެ ނަމުގައި ވަރަށް ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާކަން އެނގެން އޮތް ކަމަށް ވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
އަދި ފްލެޓް ދޭނެ ފަރާތެއް ކަނޑަނޭޅި ލަސްވަމުން ދިއުމުގެ ސަބަބުން، އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރެވޭނެކަމުގެ ޔަގީންކަން ކުޑަވެ، ފައިސާ ދެއްކުމަށްފަހު ފްލެޓް ނުލިބި ލަސްވަމުން ދިއުމުގެ ސަބަބުން މާލީ ގޮތުން ގެއްލުންވެ އެ ފައިސާ އެ މަޝްރޫގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އެހެން މަޝްރޫއަކުން ފްލެޓެއް ގަތުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
ހުޅުމާލޭގައި ތަރައްގީ ކުރާ ކޭ-ޕާކު ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ހަސަން މަމްދޫހް (ކޭޕާކް މަމްދޫހް / މަންޑޭ) އަށެވެ.
މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ބުނާ މައްސަލާގައި ލަނޑު ލިބުނު 50 އަށް ވުރެ ގިނަ މީހުން ތިބި އިރު، މަންޑޭއާ ދެކޮޅަށް އެއިން ކޮންމެ މައްސަލައެއް ވަކިވަކިން ދައުވާކޮށްފައިވެއެވެ.
އެގޮތުން މަންޑޭގެ މައްޗަށް ވަނީ ޖުމްލަ 104 ދައުވާއެއް ކޮށްފައެވެ.
އެއީ:
° ޓެކުމުގެ ކުށުގެ 50 ދައުވާ
° އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ
° މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ
° މަނީ ލޯންޑަރިންގްގެ 1 ދައުވާ
ބާކީ 74 ދައުވާ އުފުލާފައިވަނީ، މިކަމުގައި އޭނާއާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖައިޝާން ސައީދުގެ މައްޗަށެވެ.
އެއީ:
° އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ
° ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ
° ޓެކުމުގެ ކުށުގެ 20 ދައުވާ
° މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ



