ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާފަރު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މާފަރު ފެނަކަ އިމާރާތުގައެވެ.
ކައުންސިލްގެ ފަރާތުން މި ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ރަށުގެ ސިއްހީ އަދި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ބައެއް ކަންކަމުގެ މައުލޫމާތު ރައީސްއާއި ހިއްސާ ކުރެއްވިއެވެ.
މީގެއިތުރުން މާފަރުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި ގުޅިފައިވާ އެކިއެކި ކަންބޮޑުވުންތައް ވެސް ކައުންސިލުން ހިއްސާކުރެއްވިއެވެ. އެގޮތުން މާފަރު އެއަރޕޯޓުގެ ޓަރމިނަލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެކިއެކި ކަންކަން މެންބަރުން ހިއްސާކުރެއްވިއެވެ.
ރައީސް މުޢިއްޒު ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މިނިސްޓަރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި މާފަރުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް މުޢިއްޒު ވަނީ މާފަރުގައި ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި، މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާންއެވެ.
ނ. އަތޮޅަަށް ރައީސް ފައްޓަވާފައިވާ ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ބައެއް މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


