ޖަރުމަނުވިލާތުގެ ވެރިރަށް، ބަރލިންގައި އޮންނަ ”އޭޝިއާ ބަރލިން ސަމިޓު“ ގައި ބައިވެރިވުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
”އޭޝިއާ ބަރލިން ސަމިޓު“ އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 24 އިން 28 އަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަން، ބަރލިންގައި ހުންނަ ދިވެހިރާއްޖޭގެ މިޝަން މެދުވެރިކޮށް ޖަރުމަނުވިލާތުގެ ސަރުކާރުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
”ކަނެކްޓިންގ ސްޓާޓްއަޕް އީކޯސިސްޓަމްސް ފޮރ ޑައިވާސިޓީ އެންޑް އިނޮވޭޝަން“ މި ޝިއާރުގެ ދަށުން ބޭއްވޭ މި ސަމިޓަކީ ބައިނަލްއަޤްވާމީ އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިންވެސްޓަރުން ބައިވެރިވާ މުހިންމު ސަމިޓެކެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި 5 ދާއިރާއަކަށް އަލިއަޅުވާލެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެއީ ސިއްޙީ ދާއިރާ، ޓެކް، ފިން-ޓެކް، ގްރީން-ޓެކް، މޮބިލިޓީ، އަދި ކްރިއޭޓިވް އިކޮނޮމީއެވެ.
އޭޝިއާ-ބަރލިން ސަމިޓަކީ، ރާއްޖޭގެ ވިޔަފާރިތަކުގެ އިނޮވޭޝަން ލޭންޑްސްކޭޕް އަދި ސްޓާޓްއަޕް އިކޯސިސްޓަމް ދައްކާލުމަށް އަގުހުރި ޕްލެޓްފޯމެކެވެ. އެގޮތުން އެކި ގައުމުތަކުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކި ހަރަކާރްތައް މި ސަމިޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



