ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ތަމްރީނު ޖެޓެއް ވެއްޓި، ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބަންގުލަދޭޝްގައި ހިނގި އެ ހާދިސާއާ ގުޅިގެން ބަންގުލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ހަވާލުވެ ހުންނެވި މުހައްމަދު ޔޫނުސް އާއި ސަރުކާރު އަދި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
”ދިވެހީންގެ ދުއާ އޮތީ، އަނިޔާ ލިބުނު ފަރާތްތަކާއި، އެމީހުންގެ އާއިލާތަކާއި، އަދި އެކަމުގެ އަސަރު ކުރި އެންމެހާ މީހުންނާއެކު،“ ރައީސް ވިދާޅުވިއެވެ.
ފަހުގެ ތާރީހެއްގައި ބަންގުލަދޭޝްގައި ހިނގި، ވައިގެ މަގުގެ އެންމެ ބޮޑު ހާދިސާގައި އެ ޖެޓު ވެއްޓިފައިވަނީ ޑާކާގެ ސްކޫލު އަދި ކޮލެޖު ކެމްޕަސްއެއް ހިމެނޭ ސަރަހައްދަކަށެވެ.
އެ ހާދިސާގައި މިހާތަނަށް ވަނީ 19 މީހަކު މަރުވެފައެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދް ޔޫނުސް ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކޮށް، ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
”މިއީ ގައުމަށް ލިބުނު ފުން ހިތާމައިގެ ވަގުތުކޮޅެއް. އަނިޔާލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދެން. އަދިމިހާދިސާގައި އަނިޔާވި މީހުންނަށްއެހީތެރިވުމަށް ކަމާބެހޭ ހުރިހާފަރާތްތަކުން އިސްކަންދިނުމަށް އަންގަން،“ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔޫނުސް ވިދާޅުވިއެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފަޔާ ސާވިސްގެ ނުވަ ޔުނިޓާއި ހަ އެމްބިއުލާންސް ހަރަކާތްތެރިވަމުންދާކަން އެ ގައުމުގެ ފަޔާ ސާވިސްއިން ވަނީ ހާމަކޮށްފައެވެ.




