ނ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު ލަންދޫއަށް މިއަދު ވަޑައިގެންފިއެވެ.
މިއީ ރައީސް މުޢިއްޒު މިއަދު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
އެމަނިކުފާނު ލަންދޫއަށް ވަޑައިގަތުމުން، ސަރުކާރުގެ އިސްވެރިންނާއި އާންމުންގެ ގިނަ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ މިދަތުރުފުޅުގައި އެކި ރަށްރަށުގައި ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރަށްރަށަށް ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވައިގެން ކުރައްވަން އެކަށައަޅުއްވާފައިވާ ބައެއް މަސައްކަތްތައް ރައީސްގެ މި ދަތުރުފުޅުގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.



