މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލްތައް ކުރިއަށްގެންދާތީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް، ބައެއް ގަޑިތަކުގައި އިއްޒުއްދީން ފާލަން ސަރަހައްދު ބަންދުކުރަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން ވިދާޅުވީ ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު އަންނާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ކަމަށެވެ.
ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ އިތުރުން، ފުލުހުން ވިދާޅުވީ އެ ގަޑިތަކުގައި އިއްޒުއްދީން ފާލަން ސަރަހައްދަށް ކަނޑު އުޅަނދުފަހަރަށް ވެސް ކައިރި ނުކުރެވޭނެ ކަމަށެވެ.
ފުލުހުން އެފަދައިން އިއުލާނު ކުރުމުގެ ކުރިންވެސް، މިއަދު ހެނދުނުން ފެށިގެން އެ ސަރަހައްދުވަނީ ބަންދު ކޮށްފައެވެ.
މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރަށް ވާތީ، އެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.



