މާލެ އާއި ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ވަގުފްގެ ދެ އިމާރާތް ކަމުގައިވާ ”ދާރުލް އަރުގަމް“ އާއި ”ދާރުލް ސަލާމް“ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
މި ދެ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 11646 ނަންބަރު ލޮޓާއި މާލޭ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގައެވެ.
މި މަޝްރޫޢުގެ ބީލަން ހުޅުވާލާފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަދި ”އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު“ ގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މިހާތަނަށް ރާއްޖޭގައި ހުރި ހަމައެކަނި ވަގުފު އިމާރާތަކީ 2017 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު ހުޅުވުނު ”ދާރުލް އީމާން“ އެވެ.
ނުވަ ބުރީގެ މި އިމާރާތަކީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މަސައްކަތްޕުޅުން ވުޖޫދަށް ގެނެވުނު މަޝްރޫޢެކެވެ.



