ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސެންޖަރު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ރާވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، މި މަހުގެ 26 ވަނަ ދުވަހު އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެންނަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފި އެވެ.
އެމްއޭސީއެލްއިން މިރޭ ނެރުނު އިއުލާނުގައި ބުނީ، މި މަހުގެ 26 ވަނަ ދުވަހު ރޭގަނޑު 19:00 އިން ފެށިގެން 23:30 އަށް އެއާޕޯޓަށް ވަދެ ނުކުމެވޭ ގޮތަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށެވެ.
މި ވަގުތުތަކުގައި އެއަރޕޯޓަށް ވަދެވޭނީ ހަމައެކަނި ހުއްދަ ދެވިފައިވާ އުޅަނދުތަކަށް ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އެމްއޭސީއެލްއިން އިތުރަށް ބުނި ގޮތުގައި، ޓެކްސީތަކާއި އަމިއްލަ އުޅަނދުތަކަށް ޕޮލިސް ޕޯސްޓާއި އިރުމަތީ ފަރާތު ޕާކިން ސަރަހައްދަށް ދެވޭނެ އެވެ. އަދި އެތަނުން ޓާމިނަލް ސަރަހައްދަށް ދިއުމަށް އެމްއޭސީއެލްގެ އުޅަނދުތަކުގެ ހިދުމަތް ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި ބަދަލުތަކާ އެކުގައިވެސް، މާލެ އާއި ހުޅުމާލެއިން ހުޅުލެއަށް ދަތުރުކުރާ ފަރާތްތަކަށް ފެރީ އަދި ބަހުގެ ހިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
މިފަދަ ވަގުތުތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެމްއޭސީއެލްއިން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.



