ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭ ފަހުރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
މޯދީގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަޢުވަތަކަށް އަންނަ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ.
ރާއްޖެ އާއި އިންޑިއާގެ ޚާރިޖީ ގުޅުމަށް މި އަހަރު 60 އަހަރު ފުރޭތީ މޯދީގެ ޕޯސްޓުގައި ވަނީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ. ދެ ޤައުމުގެ މެދުގައި ރަސްމީ ގުޅުން ޤާއިމުކުރެވުނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުއެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރަކީ ދެ ދުވަހުގެ ދަތުރެކެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއެކު އެކި ދާއިރާތަކުން މަޝްވަރާތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި މި މަޝްވަރާތަކާއެކު ދެ ޤައުމުގެ ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މޯދީ ވިދާޅުވެފައިވެއެވެ.
ރައީސް އޮފީހުން ކުރިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ދަތުރުފުޅުގައި ދެ ޤައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތަކާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.



