ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޑައިގަތުމުން އެމަނިކުފާނާއި ދިމާލަށް ހަޅޭއްލަވާ ފުރައްސާރަ ކުރާކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކުރީގެ ދާހިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އިއްޔެ ނ.ކުޑަފަރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި، މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް އިދިކޮޅު ޕާޓީއަކަށް ތާއިދުކުރާ އަންހެނަކު ވަނީ ރައީސްއަށް ނިސްބަތްކޮށް އަދަބު އިހުތިރާމް ކުޑަވާނެހެން މުހާތަބުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އުމަރު ނަސީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާންމު ތަންތަނުގައި އެއްވެސް މީހަކާ ދިމާއަށް، އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނާދިމާލަށް ހަޅޭއްލަވާ ފުރައްސާރަ ކުރާކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
”މިއީ ޚިޔާލުފާޅުކުރުމެއް ނޫން. މިއީ ފުރައްސާރަކުރުން. އަޅުގަޑުމެންގެ ތެރޭ އަޚުލާގެއް އޮންނަންވާނެ.“ އުމަރު ވިދާޅުވިއެވެ.
ކުޑަފަރީއިން އަންހެނަކު ރައީސްއަށް އިހުތިރާމް ކުޑަވާނެހެން މުހާތަބުކުރި މައްސަލާގައި ގިނަ ބަޔަކު ދެކޮޅަށް ވާހަކަ ދައްކަމުންދާ އިރު، ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއާ މުހާތަބުކޮށް އެމަނިކުފާނުގެ ކުރިފުޅުމަތީގައި އެފަދަ ގޮތަކަށް ކަންކަން ހިނގިޔަދީގެން ނުވާނެކަމަށެވެ.
އަދި ކޮންމެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިޔަސް އެމަޤާމު ރަމްޒުކޮށްދެނީ ދިވެހި ދައުލަތްކަމަށް މުއިއްޒު އަދުނާން ވިދާޅުވިއެވެ.
މިނިވަންކަމަކީ ގޮތްނެތް ކަމެއްނޫންކަން ފާހަގަކުރައްވަމުން ކުރީގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވީ ޑިމޮކްރަސީ އަކީ ހިތުހުރިހާގޮތަކަށް އުޅުމެއްވެސް ނޫންކަމަށެވެ.
އަދި ސަރުކާރާއި ރައީސްއަށް ފާޑުކިޔޭނެ ނަމަވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް އޮންނާނީ ވަކި ހުދޫދެއްގެ ދަށުން ކަމަށް މުއިއްޒު އަދުނާން ވިދާޅުވިއެވެ.



