ކ. ގިރިފުށީގައި އެމްއެންޑީއެފްއިން ކުރިއަށްގެންދާ ބަޑިޖެހުމުގެ އަސްކަރީ ތަމްރީނަކާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މި ތަމްރީނުތައް ކުރިއަށްދާނީ އޮގަސްޓް 2 އިން 5 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 18:30 އިން ރޭގަނޑު 23:59 އަށެވެ. ތަމްރީނުގައި ބޭނުންކުރާނީ ޕައިރޯޓެކްނިކްސް އޭކޭ 103 ހަތިޔާރު ކަމަށާއި، ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5400 މީޓަރު ކަމަށާއި، އެންމެ އުސްމިނަކީ 200 މީޓަރު ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ތަމްރީނުގެ ސަރަހައްދުގެ ގޮތުގައި ބޭނުންކުރާނީ ގިރިފުށީގެ ރޭންޖުން ހުޅަނގު ދެކުނު ސަރަހައްދުކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އަދި މި ތަމްރީނު ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.



