މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ހިއްސާކުރި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ސަލްޓަން ޕާކް ސަރަހައްދާއި މުލިއާގެ، ރައީސް އޮފީސް އަދި ޖުމްހޫރީ މައިދާން ހިމެނެއެވެ.
މި ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް ޖުލައި 24 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ.
”މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކް ކޮށްފައިވާ އުޅަނދުތައް ޖުލައި 24 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނެންގެވުމަށް ދަންނަވަން.“ ފުލުހުންގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުން ބުނީ، ދެވިފައިވާ މުއްދަތު ހަމަވުމަށްފަހު، އެ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ރީލޮކޭޓް ކުރެވޭނެ ކަމަށާއި، ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެދި، މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.



