ނ. ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށް، އެރަށަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިކަން އިއުލާނު ކުރެއްވީ ރައީސް ވެލިދޫ ރައްޔިތުންނާއެކު މިރޭ ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، ވެލިދޫ ކައިރީގައި އޮންނަ ”ވިހަފަރު“ ގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓު ގާއިމުކުރެވެންދެން، ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް އަންނަ އަހަރުގެ ޖެނުއަރީ މަހު ގާއިމުކޮށް، ސީޕްލޭންގެ ޚިދުމަތް ފެށިގެންދާނެއެވެ.
”މި މަސައްކަތްތައް މި ދެންނެވި ގޮތަށް ބަރާބަރަށް ހިނގާނެ. އެކަމުގެ ޔަގީންކަން ދެން،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ޖެނުއަރީ މަހު ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ވެސް ގާއިމުކުރެވިގެންދާނެ ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ. އަދި ވެލިދޫގެ ކަރަންޓުގެ މައްސަލަތަކަށް ވެސް ސަރުކާރުން ސީރިއަސް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ވެލިދޫގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ އެންމެ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ވިހަފަރުގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓު ހިމެނެއެވެ.
މި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް ރައީސް ރޭ ވަނީ ހާމަކުރައްވާފައެވެ.



