ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަަބަދުވެސް ދެމި އޮންނާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ މިހެން ވިދާޅުވީ މިއަދު ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވުނު ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައެވެ.
މޯދީ ވިދާޅުވި ގޮތުގައި، ކުއްލި ހާލަތްތަކުގައި ފުރަތަމަ ރެސްޕޮންޑު ކުރުމާއި، ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމާއި، އިގްތިސާދު މެނޭޖް ކުރުމުގައި އެހީތެރިވުން ފަދަ ކަންކަމުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް އަބަދުވެސް ލިބޭނެ އެވެ.
މޯދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރުގައި އިންޑިއާއަށް ކުރެއްވި ދަތުރުގައި އިގްތިސާދީ ގޮތުންނާއި މެރިޓައިމްގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވެވުނު އެއްބަސްވުން މިހާރު ދަނީ ހާސިލުވަމުންނެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގޮސްފައިވާ ކަމަށްވެސް މޯދީ ވިދާޅުވި އެވެ.
މީގެއިތުރުން، ރާއްޖޭގެ ދިފާއީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދެ ގައުމުގެ އަމާޒެއް ކަމަށްވެސް މޯދީ ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.
މީގެ ތެރޭގައި އިންޑިއާއިން ފޯރުކޮށްދޭ 526 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ އެއްބަސްވުން ހިމެނެއެވެ.



