ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލެ ވަށައިގެން ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރު ޕޯސްޓެއްގައި ބުނީ، މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި މާލެ ވަށައިގެންވާ ކަނޑުގެ 16 ސަރަހައްދަކުންނާއި އެއާޕޯޓް ކައިރިން 3 ސަރަހައްދަކުން ހަވާ އަރުވާނެ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ހަވާ އެރުވުމުގެ މި ހާއްސަ ޝޯ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގައި ކަމަށާއި، މި ޝޯ ކުރިއަށްދާނީ 6 މިނެޓް ވަންދެން ކަމަށެވެ.
މި ރަސްމިއްޔާތު ފާހަގަކުރާނީ ތާރީހީ ފެންވަރެއްގައި، ހާއްސަ ޝޯތަކަކާ އެކުގައި ކަމަށް އެމްއޭސީއެލްއިންވެސް ކުރިން ބުނެފައިވެއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ހުޅުވުމަށް ތައްޔާރުވަމުންދާ މި އެއާޕޯޓަކީ، ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. އެމްއޭސީއެލްއިން މިހާރު ދަނީ އެއާޕޯޓު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކުރަމުންނެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެއް ކަމަށްވާއިރު، މިއީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މަޝްރޫއުގެ މަސައްކަތް މާބޮޑަށް ކުރިއަށް ނުދިޔަ ނަމަވެސް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 54 އިންސައްތައިގައި ހުރި މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.




