ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުއިއްޒު، ދިވެހި ސިފައިންނާއި ފުލުހުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތަށް ރައީސް މުޢިއްޒު ވަޑައިގަތުމާއެކު، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި، ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ ޢަލީ އިޙްސާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، އަދި ޕޮލިސް ކޮމިޝަނަރ އިސްމާޢީލް ނަވީންއެވެ.
މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުން، ރައީސް މުޢިއްޒުގެ ޝަރަފުގައި، އެމަނިކުފާނަށް ޝަރަފުގެ ގާޑެއްވެސް ވަނީ އަރުވާފައެވެ.
ރައީސް ވަނީ މި ރަސްމިއްޔާރުގައި ސިފައިންގެ ތެރެއިން ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެލި އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ލިބިވަޑައިގެންނެވި އަސްކަރީންނަށް މެޑެލި ހަވާލުކޮށްދެއްވާފައެވެ. އަދި ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި މަތިވެރި ޚިދުމަތުގެ މެޑެލި ލިބިވަޑައިގެންނެވި ފުލުހުންނަށްވެސް އެމަނިކުފާނު ވަނީ މެޑެލި ހަވާލުކޮށްދެއްވާފައެވެ.
މެޑެލި ހަވާލުކޮށްދެއްވުމަށްފަހު ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަދުގެ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް، ފަޚުރުވެރިކަމާއެކު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމުގައި ދިވެހި ސިފައިންނާއި ފުލުހުން އަދާކުރަމުންދާ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، އެކަން ފާހަގަކުރެއްވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދެވި ރަސްމިއްޔާތު ނިންމާލުމުގެ ކުރިން، ސިފައިންނާއި ފުލުހުންގެ ޢަޒުމު އައުކުރުން އޮތެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހި ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން، ގިނަ ޢަދަދެއްގެ އަސްކަރީންނާއި ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.



