އިސްލާމީ މަރުކަޒަށް ހިނގާފައި ނަމާދަށް އަރައި ފޭބުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފް އިން މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ޖުމްހޫރީ މައިދާން ސަރަހައްދަށް މެންދުރު 1:00 ގެ ފަހުން ސަލާމަތީ ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން، އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށް ދަތިވެފައިވުމުގެ ކަންބޮޑުވުން އިއްޔެއިން ފެށިގެން އުފެދުމާ ގުޅިގެންނެވެ.
އެގޮތުން އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒަށް ނަމާދަށް އެރުން މަނާ ކޮށްފައިވާ ކަމަށް ބުނެ ވެސް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން މިއަދު ކުރި އިއުލާނެއްގައި ފުރަތަމަވެސް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން 2025 ޖުލައި 26ވަނަ ދުވަހުގެ 13:00އިން ފެށިގެން ހަރަކާތް ނިމެންދެން، ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާތީ، އެ ސަރަހައްދަށް އާންމު އުޅަނދުފަހަރު ވަދެނިކުތުމުގައި ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.
”ނަމަވެސް، އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށް އެ ސަރަހައްދުގައި ހިނގާފައި އުޅުމުގައި އެއްވެސް ބޭފުޅަކަށް އެއްވެސް އިރެއްގައި ހުރަހެއް ނޯންނާނެ“ އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެހެންކަމުން، ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް، އާންމު އުޅަނދުފަހަރު އެ ސަރަހައްދަށް ވަދެ ނިކުތުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ، މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން އެ ޒޯނުން ބޭރުގައި، ވެހިކަލް ޕާކްކުރުމަށް ފަހު ހިނގާފައި މިސްކިތަށް ވަޑައިގަތުމަށް ސަމާލުކަން ދެއްވުމަށް ސިފައިން ވަނީ އެދިލައްވާފައެވެ.
މިނިވަން ދުވަހާ ގުޅިގެން ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަށް އޮތީ މިއަދު ހަވީރު 4:15ގައި ޖުމްހޫރީ މައިދާނުގައެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ މިއަދު 1:00 އިން ފެށިގެން ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ވެސް ގެނެސްފައެވެ.



