އަވަށްޓެރި ޝްރީލަންކާ އިން އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރާނެ ކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރު ވިޖިތު ހެރަތު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރާ ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނެފައިވަނީ، ދިވެހިންނަށް މިހާރު ދޫކޮށްފައިވަނީ ކުރު މުއްދަތެއްގެ ވިސާ ކަމަށެވެ.
ނަމަވެސް އަންނަ އޮގަސްޓް މަހުގެ 1 އިން ފެށިގެން ދިގު މުއްދަތަށް ވިސާ ދޫކުރަން ފަށާނެ ކަމަށާއި އޭރުން އެއް އަހަރު ވަންދެން ދިވެހިންނަށް ލަންކާގައި ދިރިއުޅެވޭނެ ކަމަށް ބުނެފައިވެއެވެ.
ދިވެހިންނަށް ދޫކުރާ ވިސާގެ މުއްދަތު އިތުރުކުރަން ލަންކާއިން ނިންމާފައިވާއިރު، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަންނަ ހޯމަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެ ދަތުރުފުޅުގެ ތެރެއިން، ވިސާގެ މި ބަދަލުތައް ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވެއެވެ.
ލަންކާއިން މިހާރުވެސް ދިވެހިންނަަށް އޮންއެރައިވަލް 30 ދުވަހުގެ ވިސާއެއް ލިބެ އެވެ. ނަމަވެސް، ފީއަކާއެކު އޮންލައިންކޮށް، އެ މުއްދަތުގެ ހަ މަސް ދުވަހަށް އިތުރުކުރެވެއެވެ.




