އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފުއާ ބައްދަލު ކުރައްވައިފިއެވެ.
ރައީސް މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަތީ އިއްޔެއެވެ. އަދި މިއަދުގެ ނިޔަލަށް އޭނާ ރާއްޖޭގައި ހުންނަވާނެއެވެ.
ނައިބް ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގެ ފޮޓޯއެއް “އެކްސް“ ގައި ހިއްސާކުރައްވާ ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ އެ ބައްދަލުވުމުގައި އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާ ކުރެއްވި ކަމަށެވެ.
މީގެއިތުރުން ދެގައުމުން ދަނީ އިންފްރާސްޓްރަކްޗާ ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުން ކަމަށް މޯދީ ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ވިދާޅުވީ އެކަމުން ދެގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ގުޅުން ވަރުގަދަވެގެން ދިޔުން ކަމަށެވެ.
މޯދީގެ މި ދަތުރުފުޅުގައި އޭނާއާއި ރައީސް މުޢިއްޒު ވަނީ ދޮށިމޭނާ ބިލްޑިންގް ހުޅުވައި ދެއްވާފައެވެ. އަދި އިންޑިއާއިން ހަދިޔާކުރި 2 ޕޯޓަބަލް ހޮސްޕިޓަލާއި ދިވެހި ސިފައިންނަށް ހަދިޔާކުރި 72 ވަހިކަލްއާ ރައީސް މުޢިއްޒު ވަނީ ހަވާލުވެވަޑައިގެންފައެވެ.
މީގެއިތުރުން މޯދީގެ މި ދަތުރުފުޅުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އިންޑިއަން ރުޕީސް އެކައުންޓެއް ހުޅުވޭ ގޮތް ވެސް ވަނީ ހަދާފައެވެ.
އިންޑިއާއިން ވަނީ ރާއްޖެއަށް 565 މިލިއަން ޑޮލަރުގެ އެހީއެއް ވެސް މޯދީގެ މި ދަތުރުފުޅުގައި ދެއްވާފައެވެ.



