މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު ހަފުތާއެއްގެ ތެރޭ ފައިނަލު ކުރާނެ ކަމަށް އެފްއޭއެމްގެ އަލަށް އިންތިހާބުކުރި ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ސީނިއާ ލެވަލްގެ ރަސްމީ ފުޓްބޯޅަ މުބާރާތެއް ނުކުޅޭތާ ދޮޅު އަހަރު ވެއްޖެއެވެ. އަދި ފުޓްބޯޅަ ސީޒަން މި އަހަރު އޭޕްރީލްގައި ފަށަން، މީގެ އަހަރެއްހާ ދުވަސްވަންދެން އެފްއޭއެމް ހިންގި ނޯމަލައިޒޭޝަން ކޮމިޓީން، މަސައްކަތް ކުރިއެވެ.
ނަމަވެސް އެފްއޭއެމް ނޯމަލައިޒޭޝަން މަސައްކަތް އިސްކުރުމަށް ބާރުއަޅައި، ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓްގެ އޮފިޝަލް އަހްމަދު ހައްރާޒު އެފްއޭއެމަށް އެންގީ ސީޒަން ފެށުން މަޑުޖައްސާލުމަށެވެ. އަދި ނުރަސްމީ މުބާރާތެއް ބޭއްވުމުގެ ހުއްދި ދިނެވެ.
އެހެންކަމުން ރަސްމީ ކަލަންޑަރު ބާއްވާފާއި އެފްއޭއެމަށް ޖެހުނީ ނުރަސްމީ މުބާރާތް، ލީގު ކަޕްގެ ކުޅޭށެވެ.
އެފްއޭއެމްގެ ރައީސް ތޯރިގް ވިދާޅުވީ އާ ފުޓްބޯޅަ ކަލަންޑަރުގެ ޑްރާފްޓް އެކުލަވާލައި ނިމިފައިވާ ކަމަށެވެ.
ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި، މާލެ ފިޔަވައި އަނެއް ހަތަރު ޒޯނުގައި އަތޮޅު މުބާރާތް ކުޅެ ރީޖަނަލް ލީގެ ކުޅޭނެ އެވެ. މި އަހަރު ފަށާ ސީޒަނަށް ފަހު ދެން ޖެހިގެން އަންނަ ސީޒަނުގައި ބާއްވާ ލީގަށް އަތޮޅުތެރެއިން ޓީމުތައް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ސީޒަނަށް ފުޓްބޯޅަ ކަލަންޑަރު ފައިނަލު ކުރުމުން، މުބާރާތްތައް ކުރިއަށްދާންވީ ގޮތް އެނގިގެންދާނެ ކަމަށެވެ.




