ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިންގްގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ރެއިން ފެށިގެން އެ މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑިއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް މިނިސްޓްރީތަކާއި އިދާރާތައް ހިންގާ އުމަރު ޒާހިރު ބިލްޑިންގްގެ ސާވާ ހުއްޓުނީ އޭސީތައް އޯވާހީޓުވެގެން ކަމަށެވެ.
”މި ދަތި ވަގުތުގައި ތިޔަ އެންމެހައި ބޭފުޅުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިކަމުގެ ސަބަބުން ތިޔަ ބޭފުޅުންނަށް ކުރިމަތިވެދާނެ އުނދަގޫތަކަށް ވަރަށް ބޮޑަށް މައާފަށް އެދެން“ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ހިދުމަތްތައް އަލުން ދޭން ފެށޭނެ ވަގުތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.




