ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި އިއްޔެ ހައްޔަރުކޮށްފައިވާ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް / މުޙައްމަދު އިބްރާހިމް (29އ.) ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ކުރިން ވިދާޅުވީ، މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 10:12 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަނިޔާވިމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ނަލަހިޔާ / މޫސާ އިބްރާހިމް (29އ.) އެވެ.
ފުލުހުން މިއަދު ވިދާޅުވީ މާވަށުގައި ހިނގި މާރާމާރީގައި ނިޔާވި މޫސާ އިބްރާހިމްގެ ހަށިގަނޑު، ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ރޭގައި މާލެ ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި މުޙައްމަދު އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.




