މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ކަނޑު ގަދަވާނެކަމުގެ އިންޒާރާއެކު ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 7:00 އިން މެންދުރު 1:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންްދާ ވިއްސާރަ ކުރިއަށް އޮތް އެއް ދުވަހަށް ދެމިއޮންނާނެ ކަމަށް މެޓް އޮފީހުން ކުރިން ވަނީ ލަފާ ކޮށްފައެވެ



