މިނިވަން ދުވަހާ ގުޅިގެން އައި ބަންދަށްފަހު، އިއްޔެއާއި މިއަދު ވެސް ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ކެންސަލް ކޮށްފިއެވެ.
މަޖިލިސް ޖަލްސާތައް ނުބާއްވާ ކެންސަލް ކޮށްފައިވާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
މަޖިލިސް ގަވާއިދު ބުނާ ގޮތުގައި މަޖިލިސް ޗުއްޓީގައި ނޫންނަމަ ނުވަތަ ސަރުކާރު ބަންދު ނޫންނަމަ ކޮންމެ ހަފުތާއެއްގެ ތިން ދުވަހު ޖަލްސާ ބާއްވަން ވާނެއެވެ. އެއީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. މުހިންމު ކުއްލި މަސައްކަތެއް ކުރަން އޮންނަނަމަ ބައެއް ފަހަރު ބުރާސްފަތި ދުވަހުވެސް ޖަލްސާ ބާއްވައެވެ.
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ސަރުކާރު ބަންދު ކުރުމަށްފަހު، އަލުން ހުޅުވުނީ އިއްޔެއެވެ.
މި ހިނގާ 20 ވަނަ މަޖިލިސް ފެށުނު ފަހުން ވަކި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ނުބާއްވާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކުދަނީ ފާޅުކުރަމުންނެވެ.




