ޖަރުމަނު މީހަކު އިންޑިއާގެ ބެންގަލޫރުގެ މަގުމަތީގައި ޓިކްޓޮކް ވީޑިއޯއެއް ކުޅުމުން ފުލުހުން އޭނާ ހައްޔަރުކޮށް ޖޫރިމަނާ ކޮށްފިއެވެ.
އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވަނީ، ނޮއެލް ރޮބިންސަން ނަމަކަށް ކިޔާ އެމީހާ މަގުމަތީގައި ނަށައި، ޓިކްޓޮކް ވީޑިއޯ ހަދަމުން ދިޔައީ ހުއްދަ ނުނަގާ ކަމަށެވެ.
ނޮއެލް އަކީ އޭނާގެ ވީޑިއޯތަކުގައި ސްޓްރީޓް ޑާންސިންގް ކުރުމުން މަޝްހޫރު މީހެކެވެ.
ބެންގަލޫރުގެ މަގުމަތީގައި، އިންޑިއާގެ ސަގާފީ ހެދުން އަޅައިގެން ނެށުމުން މަގުމަތީގައި ގިނަ ބަޔަކު ވަނީ އޭނާގެ ނެށުން ބެލުމަށް އެއްވެފައެވެ. އަދި އެކަމުގެ ސަބަބުން ދުއްވާ އެއްޗެހީގައި ދަތުރުކުރުމަށް ވެސް އުނދަގޫވެ، އެވަގުތު މަގުމަތި ވަނީ ބަންދުވެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ނޮއެލް ހައްޔަރު ކުރީ ހުއްދަ ނުހޯދާ މަގުމަތީގައި ވީޑިއޯ ހެމުންނާއި މަގުމަތީގެ ރައްކާތެރިކަން ކަނޑާލުމުންނެވެ. ނަމަވެސް ފުލުހުންގެ މަރުކަޒުގައި 15 މިނެޓު ވަންދެން އޭނާ ބޭއްދުމަށްފަހު، ޖޫރިމަނާއަކާއެކު ވަނީ ދޫކޮށްލާފައެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާއާ ގުޅޭގޮތުން ނޮއެލް ފަހުން އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ، މިއީ އޭނާ ފުލުސް އޮފީހަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށާއި އެހެންކަމުން ވަރަށް ބިރުގަތް ކަމަށެވެ. ނަމަވެސް ޖަލަށް ނުލައި ދޫކޮށްލުމުން އުފާކުރާ ކަމަށާއި އޭނާ ހުރީ ސަލާމަތުން ކަމަށް ވެސް ބުންޏެވެ.



