ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެއް ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.
”ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މާތްކަން“ މި މައުޟޫޢުއަށް މިއަދު ދިން ޚުޠުބާގައި ބުނީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ވިސްނާންޖެހޭ އެންމެ މުހިންމު ކަމަކީ މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން، ޤުރްއާން ހިތުދަސްކުރުމުގެ ސަބަބުން ﷲގެ ޙަޟުރަތުން ލިބޭނޭ މަތިވެރި ދަރަޖައަށް ކަމަށެވެ.
ކީރިތި ޤުރްއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލު އައުމެއް ނުވާ ގޮތެއްގައި ޤިޔާމަތާ ހަމަޔަށް ދެމިގެންދާ މުޢުޖިޒާތެއްކަމުގައި ލައްވައިފައިވާ މާތް ﷲގެ ކަލާމްފުޅު ކަމަށާއި އެ ޤުރްއާން ރައްކާތެރިކުރައްވާނެ ގޮތް މާތް ﷲ ވަނީ މެދުވެރިކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
އެގޮތުން ކީރިތި ޤުރްއާން ކިޔަވައި އެ ޤުރްއާން ހިތުދަސްކުރުމަކީ އޭގެ ތެރެއިން އެއް ގޮތް ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
”ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ مِنْ إِجْلَالِ اللَّهِ إِكْرَامَ ذِي الشَّيْبَةِ الْمُسْلِمِ، وَحَامِلِ الْقُرْآنِ غَيْرِ الْغَالِيْ فِيْهِ، وَالْـجَافِيْ عَنْهُ، وَإِكْرَامَ ذِي السُّلْطَانِ الْمُقْسِطِ) މާނައީ: ”ހަމަކަށަވަރުން، މުސްކުޅިވެ ނުރަޖަހައިފައިވާ މުސްލިމާއަށާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، ކަންދެއްކުމެއް ނެތި، އަދި އެ ފޮތަށް ފުރަގަސް ދިނުމެއް ނެތި، އެ ފޮތް ކިޔަވައި، އެއަށް ޢަމަލުކުރާ މީހާއަށާއި، ޢަދުލުވެރި ވެރިމީހާއަށް މާތްކޮށް ހިތައި ކަމޭހިތުމަކީ، الله تَعَالَى މާތްކޮށް، މަތިވެރިކުރުމުގެ ތެރެއިންވާ ކަމެކެވެ.“ ޚުޠުބާގައި ބުނެފައި ވެެއެވެ.
ހަމައެހެންމެ އެ މީހެއްގެ ހިތުގައި ކީރިތި ޤުރްއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ، ވީރާނާވެފައިވާ ގެއެއްގެ މިސާލުކަމަށް ރަސޫލާ ހަދީސް ކުރެެއްވި ބަސްފުޅެއްގެ މާނައިގައިވާކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުންޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތުގައި ވެސް އޭގެ ފައިދާ އޭނާއަށް ލިބޭނޭ ކަމެއްކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން ޚުޠުބާގައި ވަނީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިޚުލާޞްތެރިކަމާއި އުޚުރަވީ ޙަޔާތުގައި ﷲގެ ޙަޟުރަތުން ލިބޭން ހުރި ނިޢުމަތްތައް ހަނދާންކުރާން ޖެހޭ ކަމަށް ބުނެފައެވެ.




