ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަދި ފިލްމް ޕްރޮޑިއުސަރު އާމިރް ޚާން، އޭނާގެ އެންމެފަހުގެ ފިލްމު ”ސިތާރޭ ޒަމީންޕަރް“ އޯޓީޓީ ޕްލެޓްފޯމަށް ނުވިއްކި ސަބަބު ހާމަކޮށްފިއެވެ.
އެ ފިލްމު ސިނަމާތަކުގައި ނާޅުވާ، ކުޑަ ސްކްރީންތަކުން ދެއްކުމަށް އޯޓީޓީ ޕްލެޓްފޯމަކުން ވަނީ 125 ކްރޯޑް ރުޕީސް އާމިރަށް ހުށަހަޅާފައެވެ. ނަމަވެސް އާމިރް ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެ، ފިލްމު ސިނަމާތަކުގައި އަޅުވާފައެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެކަމާ ބެހޭގޮތުން އާމިރް ޚާން ބުނީ، އެ ހުށަހެޅުމަށް ދެކޮޅު ހަދަން އުޅުމުން ވަރަށް ގިނަ ބަޔަކު އޭނާގެ ނިންމުމަށް ދެކޮޅު ހަދައި އެހެން ނުހަދަން ނަސޭހަތް ދިން ކަމަށެވެ. އަދި އޯޓީޓީން އެ ހުށަހަޅަނީ ވަރަށް ގިނަ ފައިސާ ކަމަށް ބުނި ކަމަށްވެސް އާމިރް ބުންޏެވެ.
”އަހަންނަށް މުހިންމީ ފައިސާއަށްވުރެ ބޮޑަށް ބެލުންތެރިންގެ ހިތްހަމަޖެހުންް. އެގޮތުން މިހާރުވެސް ގިނަ މީހުން ބޭނުން ވަނީ ސިނަމާތަކަށް ގޮސް ފިލްމު ބަލަން. އެއީ އެކި ސަބަބުތަކާ ހެދި އޯޓީޓީން އެއްޗެހި ނުބެލޭ މީހުން. އެހެންވެ އަހަންނަށް މުހިންމުވީ އެ 125 ކްރޯޑް ރުޕީސަށްވުރެ 100 ރުޕީސް ދީފަ ޓިކެޓު ގަނެގެން ބެލުންތެރިން ހިތްހަމަ ޖެހޭގޮތަށް ފިލްމު ބެލުން“ އާމިރް ބުނެފައިވެއެވެ.
އެ އިންޓަވިއުގައި އާމިރް ބުނީ އޯޓީޓީން ހުށަހެޅި ފައިސާއަށް ދެކޮޅު ހެދުމުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އޭނާގެ އެ ނިންމުމުގެ ސަބަބުން އެ ފިލްމަށް ގްލޯބަލް ބޮކްސް އޮފީހުން 250 ކްރޯޑް ލިބިފައިވާ ކަމަށެވެ.



