ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި މިހާރު އިސްކަންދޭނީ 76 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީގެ ފައިނަލް ލިސްޓުގައި 76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަށް ފްލެޓު ނުދީ 75 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓު ދީފައިވާ ކަމަށެވެ.
އެހެންކަމުން ފްލެޓު ދިނުމުގައި މިހާރު އިސްކަން ދޭނީ 76 މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.
އެގޮތުން އެ ފަރާތްތަކަށް ދިނުމަށްފަހު ބާކީވާ ފްލެޓުތައް 75 މާކްސްއަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ހައުސިން މިނިސްޓްރީން ބުނީ 76 މާކްސް އަށް ވުރެ މަތިން ލިބުނު މީހުންގެ ތެރޭގައި ގުރުއަތުގައި ހިމަނާފައި ނުވާ ފަރާތްތަކެއް ތިބުމުން، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް އެއްބަސްވުންތަކުގައި މިހާރު ސޮއިކުރަން ފަށާފައިވާއިރު މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނާއެކު ވަނީ ސޮއި ކޮށްފައެވެ.



