ވިލިމާލެ ’މަސްޖިދުއްސަލާމް‘ މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެއް ކަމަށާއި، މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި އަޅާ ޖާގަ ތަނަވަސް މިސްކިތަކަށެވެ.

މި މިސްކިތުގެ ބިންގާ އަޅައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. ޝަހީމްް ވިދާޅުވީ މިއީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް ރީތި މިސްކިތަކަށްވާނެ ކަމަށާއި މިއީ ވިލިމާލޭ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއްކަމަށެވެ.

ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އިމާމު ރޫމް ހިމެނޭނެއެވެ.



