”ފްރީ ޑެލިވެރީ“ އޭ ބުނުމުން މި ދައްކަނީ ކޮންމެވެސް ކާއެއްޗެއް ނުވަތަ މުދަލެއް ޑެލިވަރ ކުރާ ވާހަކަ ކަމަށް ހީވެދާނެއެވެ. ނަމަވެސް ތިއީ ކުށްހީއެކެވެ.
މި ދައްކަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރި ކާމިޔާބު ފިލްމު ”ފްރީ ޑެލިވެރީ“، ގިނަ ބައެއްގެ އެދުމުގެ މަތިން އަނެއްކާވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ވާހަކައެވެ.
އެގޮތުން މިހާރު ”ފްރީ ޑެލިވެރީ“ މީޑިއާނެޓްގއ ވީޑިއޯކްލަބުން ބެލުންތެރިންނަށް ފަސޭހަކަމާއެކު ފެންނާނެއެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު ސާބިތުކަމާ އެކީ ފައިހިއްޕާލާފައިވާ އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ކަޒްމިކް އިންޓަނޭޝަނަލް އިން ތައްޔާރު ކޮށްފައިވާ މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ކާމިޔާބު ފިލްމު ”ބަވަތި“ ޕްރޮޑިއުސް ކުރި އާސިމް ޢަލީ އެވެ. އަދި މި ފިލްމު ލިޔެ، ޑައިރެކްޓު ކޮށްފައިވަނީ އެ ފިލްމު ޑައިރެކްޓުކުރި ކުޅަދާނަ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އެވެ.
”ފްރީ ޑެލިވެރީ“ އާ ބެހޭގޮތުން މައުލޫމާތު ދެމުން އިއްލެ ބުނީ މިއީ ޑާކް ކޮމެޑީ ޖޯންރާއަކަށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ.
މި ފިލްމުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ ތަރިންތަކަކާއި ފީޗާ ފިލްމަކުން އެއިރު އަލަށް ފެނިގެންދާނެ ތަރިންގެ އިތުރުން މިހާރުވެސް ދާއިރާގައި ހަރަކާތްތެރިވާ ބައެއް ތަރިން ހިމެނޭހެން މުޅިއަކު 15 ކާސްޓު އެކްޓު ކޮށްފައިވެއެވެ.
މިއީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ހެއްވާ މަޖާ ފިލްމެކެވެ.




