ގއ. ގެމަނަފުށީގައި އިމާރާތް ކުރަން ފަށާފައިވާ މިސްކިތުގެ މަސައްކަތް ނިންމަން ސަރުކާރުގެ ފަރާތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
ގެމަނަފުށީގައި މިސްކިތެއް އެޅުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެ، ގިނަ މަސައްކަތް ހުރީ ނުނިމިއެވެ.
އެހެންކަމުން އެ މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
ގެމަނަފުށީގައި އިމާރާތް ކުރަމުންދަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތުގެ މަސައްކަތް އެއްކޮށް ނިމޭއިރު ވުޟޫކުރާނެ ބަޔަކާއި، މުންނާރު، މިސްކިތުގެ ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ މަސައްކަތް ނިމިގެންދާނެއެވެ.
މީގެ އިތުރުން މި މިސްކިތުގައިވެސް ސޯލާރ ޕެނަލް ހަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއީ 7،780،395.62 ރުފިޔާއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މަސައްކަތް އެއްކޮށް ނިންމަން ދީފައިވަނީ 240 ދުވަހެވެ.



