ބ. ފުޅަދޫގައި ގާއިމްކުރާ ފެނާއި ނިޒާމުގެ މަޝްރޫޢުއަށް ބޭނުންވާ ތަކެތި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އެ ރަށަށް އިއްޔެ ފޮނުވައިފިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަކީ ރައީސުލްޖުންހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
ފުޅަދޫގައި މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް އިއްޔެ ފޮނުވި ތަކެތި މިހާރު ވަނީ އެ ރަށަށް ބާލައި، މަސައްކަތް ފަށާފައި ކަމަށް ފެން ކުންފުނިން މައުލޫމާތު ދީފައެވެ.
ރާއްޖޭގެ ދިގު ތާރީޚަށް ބަލާއިރު އާބާދީގެ ގޮތުން މަދުން މީހުން ދިރިއުޅޭ ރަށްރަށަކީ ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމުން މަޙްރޫމްވެފައިވާރަށްތަކެކެވެ. އަސާސީ މިޚިދުމަތް ނޫނަސް އެހެނިހެން ކަންކަމުންވެސް މިފަދަ ކުދި އާބާދީތައް އޮތީ ބާކީވެފައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް އާބާދީއަކަށް ނުބަލައި މިފަދަ އަސާސީ ޚިދުމަތްތައް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިސަރުކާރުން ފަށާ ބައެއް ރަށްރަށަށް މިޚިދުމަތް މިހާރުވަނީ ފޯރުކޮށްދީފައެވެ.



