ފުލުހުންގެ ވެލްފެއާ ކުންފުނި (ޕޮލްކޯ)ގެ ހިޔާނާތާއި ގުޅިގެން މައްސަލަތަކަށް ބަހުސްކުރަން ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.
ސިއްރުކޮށްފައި ވަނީ އެ މައްސަލައާގުޅިގެން ވިސްލްބްލޯވަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމެވެ.
އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަވެފައިވާތީ ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓްގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަންފަށައި އެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް އުފައްދައި އެ ކޮމިޓީއާ ހަވާލުކޮށްފައެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ޕޮލްކޯ ކޮރަޕްޝަންގެ މައްސަލަ ސަބް ކޮމިޓީން ބަލަން ފެށުމުން، އެ މައްސަލައާ ގުޅޭ އިތުރު މައްސަލަތަކެއް ވިސްލްބްލޯވަރުންގެ ފަރާތުން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ވިސްލްބްލޯވަރުން ފޮނުވި މައްސަލަތަކަކީ ސައްހަ ވާހަކަތަކެއްތޯ ބެލުމަށް ބޭއްވި އެ ބައްދަލުވުމުގައި ދައުލަތުގެ މުއައްސަސާތަކުން ދީފައިވާ މައުލޫމާތުތަކުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންނާއި އެމީހުންގެ އާއިލާ މެންބަރުންނާއި އެމީހުންގެ ދަރިއެއްގެ ވާހަކަ އެބަ އޮތް ކަމަށެވެ.
އެހެންކަމުން މަސްލަހަތު ބޮޑީ ސިއްރު ބައްދަލުވުމުގެ ގޮތުގައި އެ ބައްދަލުވުން ކުރިއަށްގެންދިއުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިގޮތުން އެ ބައްދަލުުވުން ސިއްރުކުރަން ވޯޓަށް އެހުމުން އެގޮތަށް ފާސްވެ އެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.
އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ފުލުހުންގެ ހައުސިންގ މަޝްރޫޢު ހިންގާފައި ވަނީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ.



