ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ވޯކްޝޮޕެއް ހެލްތު މިނިސްޓްރީން ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ދެވޭ ސެޒޭޝަން ފަރުވާ އަދި ދުމާ ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީއޯޓީ) ވާރކްޝޮޕެއް ފަށާފައިވާ ކަމަށެވެ.
އެ ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޯގަސްޓް 4 އިން ފެށިގެން 3 ދުވަހުގެ މުއްދަތަކަށެވެ.
އެ ވަރކްޝޮޕްގައި އަތޮޅުތެރެއިންނާއި މާލެ ސަރަޙައްދުން 35 ބައިވެރިން ވަނީ ބައިވެރިވެފައެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ވޯރކްޝޮޕަކީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދެވޭ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
“މި ވޯރކްޝޮޕްގެ ބައިވެރިންނަށް ގައުމީ އަދި އަތޮޅު ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އަމަލީ އަދި ފަންނީ ހުނަރު ލިބިގެން ދާނެ. މިކަމުގެ ތަމްރީނު ލިބިފައިވާ ބައިވެރިންގެ ނެޓްވާރކްއެއް ގާއިމު ވެގެންދާނެ“ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ވޯރކްޝޮޕަކީ ދިވެހިރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސްއްކަތްތައް އިތުރަށް ހަރުދާނާކޮށް، ދުޅަހެޔޮ ވެއްޓެއް ގާއިމު ހުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.




