ޓެކުހާއި ބެހޭ ގާނޫނަކީ މުޅި ރާއްޖެއަށް މުހިންމު ގާނޫނެއް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅީ ވިލިމާލެ ދާއިރާއަށް ކަނޑައަޅާފައި ހުންނަ މެންބަރު މުހައްމަދު އިސްމާއިލް އެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ ރާއްޖެއަށް އެކިއެކި ގޮތްގޮތުން އާމްދަނީގެ ގޮތުގައި ދައުލަތުގެ އެކިއެކި މުވައްސަސާތަކާއި ސަރުކާރާއި އެކު ހުރިހާ ދައުލަތުގެ މުވައްޒަފުންނަށް އަދި އެނޫން ވެސް ރާއްޖޭގެ އެންމެހާ ތަރައްގީގެ މަސައްކަތްތަކާއި ހުރިހާ ކަމަކާއި ގުޅިފައިވަނީ ދައުލަތަށް ލިބޭ އާމްދަނީގެ މައްޗަށް ކަމަށެވެ.
”ޓެކްސް ނެގުމާއި ބެހޭ ގާނޫނަކީ ވަރަށް ރަނގަޅަށް ވަރަށް މޮޅަށް ހެދިފައި އޮންނަންޖެހޭ ގާނޫނެއް“ ފަލާހް ވިދާޅުވިއެވެ.
ފަލާހްގެ އިތުރުން މިއަދުގެ މަޖިލީހުގައި އެ ބިލަށް ބަހުސް ކުރައްވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ އެއްވެސް ބަޔަކު ޓެކްސްއަށް މަކަރު ހެދުމަކީ ދިވެހި ރައްޔިތުންނަށް އޭގެ ގެއްލުން ލިބޭނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ގަވައިދުން ޓެކްސް ދައްކަމުންދާ ފަރާތްތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ޓެކްސްއާ ބެހޭ ޤާނޫނުގައި ވަނީ އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކުން ގަސްދުގައި ރެކުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ކުށުގެ އަދަބު، ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލެވޭ ގޮތަށް ހުށަހަޅާފައެވެ.
އަދި ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް، ހަ މަސް ދުވަހާ ހަމައަށް ގޭބަންދުކުރުމުގެ ޖިނާއީ އަދަބު، 250،000 ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ހަ މަސް ދުވަހާ ހަމައަށް ޖަލަށް ލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވެސް އެ ބިލުގައި ވަނީ ހުށަހަޅާފައެވެ.


