ސްޓެލްކޯގެ ސަބްސްޓޭޝަނެއް ތެރެއަށްވަދެ ކޭބަލް ބުރި ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިއްޔެ ރޭ 21:46 ހާއިރު ސްޓެލްކޯގެ ސަބްސްޓޭޝަނެއް ތެރެއަށްވަދެ ކޭބަލް ބުރި ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
“ފަރީދީ މަގު ގަޑިބުރު ކައިރީގައި ހުރި ސްޓެލްކޯގެ ސަބްސްޓޭޝަނެއް ތެރެއަށް ބަޔަކު ވަދެ ކޭބަލް ބުރި ކުރި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން“ ފުުލުހުން ބުނެފައި ވެއެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަންތަކުން ކަރަންޓު ކޭބަލް ބުރިކޮށްގެން ވަގަށް ނެގުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ހުޅުމާލޭގެ ހިޔާ ފްލެޓު ސަރަޙައްދުގައި ހުރި ޓްރާންސްފޯމަރެއްގެ ކޭބަލް ބުރިކޮށްގެން ވަގަށް ނަގަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން މީހަކު ވަނީ މަރުވެފައެވެ.
މިއީ ނުރައްކާތެރިކަމަކަށްވާތީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކަށް އެކުންފުނީގެ މުވައްޒަފުން ވަންނަނީ ޓްރާންސްފޯމަރު ނިއްވާލައިގެންނެވެ.
ސްޓެލްކޯއިން ވަނީ އެކުންފުނިން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޭނުންކުރާ ކޭބަލްތައް ވަގަށް ނުނެގުމަށް އެދިފައެވެ.




