ލަންކާގެ މޮރަޓުވާ ސަރަހައްދުގައި ހިމެނޭ އެގޮޑައުޔާނާ ސަރަހައްދުން ލެޕްރަސީގެ ބަލީގެ ކޭސްތައް އިތުރުވަމުންދާތީ ސިއްހީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެ ސަރަހައްދުން ވަނީ ގިނަ އަދަދެއްގެ ލެޕްރަސީ ބަލި މީހުން ފެނިފައެވެ.
އެގޮޑައުޔާނާ ސިއްހީ މަރުކަޒުގެ އިދާރީ ޕީ.އެޗް.އައި، ދަޔާ ބަންދަރާ މައުސާވާ ބުނި ގޮތުގައި މިހާތަނަށް ހަ ކުޑަކުދިންނާއެކު ޖުމްލަ 23 މީހުން ވަނީ ލެޕްރަސީއަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ލެޕްރަސީއަށް ޝައްކުކުރެވޭ 31 މީހުން ޑާމެޓޮލޮޖީ ކްލިނިކަށް ފޮނުވާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ބަޔަކު ލެޕްރަސީއަށް ޕޮޒިޓިވްވުން އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގެ ކުޑަބޮޑުމިން ފާހަގަކޮށް، މޮރަޓުވާ ޑިވިޝަނަލް ކޯޑިނޭޓިން ކޮމިޓީއަށް ވަނީ ރިޕޯޓެއް ހުށަހަޅާފައެވެ. ފާއިތުވި އަހަރު އެ ސަރަހައްދުން ނުވަ ކުޑަކުދިންނާއެކު ޖުމްލަ 45 ލެޕްރަސީ ބަލި މީހުން ފާހަގަކުރެވިފައިވާކަން ވެސް މައުސާވާ ހާމަކުރެއްވިއެވެ.
”ލެޕްރަސީއަކީ އެހެން ބަލިތަކެކޭ އެއްފަދައިން ފަރުވާ ދީގެން ރަނގަޅުކުރެވޭ ބައްޔެއް. ބަލި ޖެހިފައިވާ މީހުން ބައްޔަށް ބިރުގަތުމުގެ ބަދަލުގައި ފަރުވާ ހޯދުމަށް ސަމާލުކަން ދިނުން މުހިންމު،“ މައުސާވާ ބުންޏެވެ.
އަދި ބަލި ޖެހިފައި ހުންނަތާ 15 އަހަރު ފަހުންވެސް ބަލީގެ އަލާމާތްތައް ފެނިދާނެ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، ގިނަ ބަލި މީހުން ބަލި ސިއްރުކުރަން މަސައްކަތްކުރާ ކަމަށާއި، މިކަމުގެ ސަބަބުން ބަލީގެ ހާލަތު އިތުރަށް ގޯސްވެ، ބަލި މީހުން ފާހަގަކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ސިއްހީ އިދާރާތަކުން ފާހަގަކުރެއެވެ.
އެހެންކަމުން، ކްލިނިކްތަކުގައި ބަލި މީހުންގެ ސިއްރު ހިފެހެއްޓޭނެ ކަމަށް ބުނެ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މަރުކަޒަށް އެކަން އަންގައި، ފަރުވާ ހޯދުމަށް ސިއްހީ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.


