ގިނަ ސުކޫލުތަކާއި ސަލްޓަންޕާކު ހުންނަ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް ޓަކައި މެދު ޒިޔާރަތް މަގު ހުޅުވާލުމަށް މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ކައުންސިލަށް ހުށައަޅުއްވައިފި އެވެ.
މޭޔަރ ޢާޒިމް މި ކަން ކައުންސިލަށް ހުށަހެޅުއްވީ، ބުދަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓްރެފިކުގެ މައްސަލައެވެ.
މާލޭގެ ޓްރެފިކް ބޮޑު ސަރަހައްދުތަކަށް ލުޔެއް ހޯދުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ތެރެއިން، އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދު އޮތް މަގު ވެހިކަލްތަކަށް ހުޅުވާލުމުން، ޗާންދަނީ މަގަށާއި ލިލީ މަގަށާއި އަމީރު އަހުމަދު މަގަށް ވެސް ލުއިތަކެއް އަންނާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވެފައިވެއެވެ.
މި ސަރަހައްދަކީ، މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަހައްދު ކަމުން، މި މަގު ހުޅުވާލުމަކީ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް އާންމުން ވެސް ދެކެއެވެ.
ނިމިދިޔަ ޖުލައި މަހު، ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވަނީ މި ކަމަށް އެދިފައެވެ. މި ކަމާ ގުޅިގެން މޭޔަރ ޢާޒިމް ވަނީ ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާގެ މަތިން، މެދު ޒިޔާރަތް މަގު ހުޅުވާޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. މިއީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ޓަކައި ސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރުމަށް ނިންމާފައިވާ ކަމެކެވެ.
މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލައަކީ، ދުވަހުން ދުވަހަށް ގޯސްވަމުންދާ މައްސަލައެކެވެ.
މި މަގު ހުޅުވާލުމުން ވެސް، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް މާލޭގެ ގިނަ ރައްޔިތުން ދެކެއެވެ.




