އެމްޑަބްލިޔުއެސްސީން ބ.ދަރަވަންދޫގައި ޤާއިމްކުރި ނަރުދަމާ ނިޒާމް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ނިޒާމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދަރަވަންދޫއަށްް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދުގެ އިތުރުން ސަރުކާރުގެ އިސް ވަޒީރުންނާއި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، 40.29 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ދަރަވަންދޫގައި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އަޅައި، ސީ އައުޓްފޯލް އާއި ޕަންޕިންގ ސްޓޭޝަންތައް ޤާއިމްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ރަށުގެ ހުރިހާ ގޭބިސީތަކަށް ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅާފައިވާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްވެސް ވަނީ ރަށަށް ފޯރުކޮށްދީފައެވެ.
މި ނަރުދަމާ ނިޒާމް ޤާއިމްކުރުމާ ގުޅިގެން ދަރަވަންދޫގެ ރައްޔިތުންނަށް ރައްކާތެރި ގޮތެއްގައި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.
މިއީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.




