މުޅި ދުނިޔެއަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ޒަމާންވީ ލޯބިވެރިޔާ ޖިއޯޖިނާ ރޮޑްރިގޭޒް އަށް ކައިވެނިކުރަން އެންގޭޖް ވެއްޖެއެވެ.
މިކަން އާންމުންނަށް ހާމަވެފައިވަނީ ޖިއޯޖިނާ އޭނާގެ އިނގިލީގައި އަޅާފައި އިން އެންގޭޖްމަންޓް އަނގޮއްޓީގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރުމުންނެވެ.
ރޮނާލްޑޯއާއި ޖިއޯޖިނާ ކައިވެނި ކުރަން އަދިކިރިޔާ ނިންމިނަމަވެސް، އެ ދެމީހުން ލޯބީގެ ގޮތުން ގުޅި، އެއްކޮށް އުޅޭތާ މިހާރު 9 އަހަރު ވެއްޖެއެވެ. އަދި އެ ދެމީހުންގެ 5 ދަރިންވެސް ތިބެއެވެ.
ޖިއޯޖިނާއާއި ރޮނާލްޑޯ އެންމެ ފުރަތަމަ ބައްދަލުވީ 2016 ވަނަ އަހަރުގައެވެ. ބައްދަލުވީ ދުވަހުން ފެށިގެން އެއްކޮށް އުޅެ، 5 ދަރިން ވެސް ލިބުމަށްފަހު މިހާރު ކައިވެނިކުރަން ހުށަހެޅި ރޮނާލްޑޯ، މީގެ ކުރިން އެކަން ނުކޮށް މަޑުކުރީ ”ރަނގަޅު ވަގުތަކަށް ބެލުމަށްފަހު ކުރަން“ ކަމުގައި އޭނާ ކުރިން ވަނީ ބުނެފައެވެ.
ޒަމާންވީ ލޯބިވެރިޔާ، އަދި ދަރިންގެ މަންމަ ޖިއޯޖިނާއަށް ރޮނާލްޑޯ ކައިވެނިކުރަން ހުށަހެޅީ ޑަޔަމަންޑް އަނގޮއްޓިއަކުންނެވެ. ޖަވާހިރުގެ މަސައްކަތް ކުރާ މީހުންވެސް އެ އަނގޮއްޓި ފެނިފައި ހައިރާންވެ، އެއީ މިހާތަނަށް ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ޑަޔަމަންޑް ކަމުގައި ވަނީ ބުނެފައެވެ.
އެކުގައި އުޅޭތާ 9 އަހަރު ފަހުން ކައިވެންޏަށް ހުށަހެޅިނަމަވެސް، ރޮނާލްޑޯއާއި ޖިއޯޖިނާ ކައިވެނި ކުރާން ދުވަހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.




